Maryam

سورة مريم

ސޫރަތް 19 · މައްކީ · 98 އާޔަތް

19:1ޖުޒު 16 · ޞ. 305

كهيعص1

ك هـ ى ع ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
19:2ޖުޒު 16 · ޞ. 305

ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا2

މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ.
19:3ޖުޒު 16 · ޞ. 305

إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا3

އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ.
19:4ޖުޒު 16 · ޞ. 305

قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُنْ بِدُعَائِكَ رَبِّ شَقِيًّا4

އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ.
19:5ޖުޒު 16 · ޞ. 305

وَإِنِّي خِفْتُ الْمَوَالِيَ مِنْ وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِنْ لَدُنْكَ وَلِيًّا5

އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ!
19:6ޖުޒު 16 · ޞ. 305

يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا6

ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!
19:7ޖުޒު 16 · ޞ. 305

يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَلْ لَهُ مِنْ قَبْلُ سَمِيًّا7

އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.
19:8ޖުޒު 16 · ޞ. 305

قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا8

އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ.
19:9ޖުޒު 16 · ޞ. 305

قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْئًا9

އެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.
19:10ޖުޒު 16 · ޞ. 305

قَالَ رَبِّ اجْعَلْ لِي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا10

އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް علامة އެއް ލައްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް علامة އަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.
19:11ޖުޒު 16 · ޞ. 305

فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَنْ سَبِّحُوا بُكْرَةً وَعَشِيًّا11

ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ.
19:12ޖުޒު 16 · ޞ. 306

يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا12

އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.
19:13ޖުޒު 16 · ޞ. 306

وَحَنَانًا مِنْ لَدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا13

އަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ.
19:14ޖުޒު 16 · ޞ. 306

وَبَرًّا بِوَالِدَيْهِ وَلَمْ يَكُنْ جَبَّارًا عَصِيًّا14

އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.
19:15ޖުޒު 16 · ޞ. 306

وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا15

އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ.
19:16ޖުޒު 16 · ޞ. 306

وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انْتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا16

އަދި ކަލޭގެފާނު މި ފޮތުން مريم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ أهل ވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަަކަށް ވަޑައިގަތްހިނދެވެ.
19:17ޖުޒު 16 · ޞ. 306

فَاتَّخَذَتْ مِنْ دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا17

ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ وحى ގެ ملائكة އާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ ملائكة އާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.
19:18ޖުޒު 16 · ޞ. 306

قَالَتْ إِنِّي أَعُوذُ بِالرَّحْمَٰنِ مِنْكَ إِنْ كُنْتَ تَقِيًّا18

އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.
19:19ޖުޒު 16 · ޞ. 306

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا19

އެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ.
19:20ޖުޒު 16 · ޞ. 306

قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا20

އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ.
19:21ޖުޒު 16 · ޞ. 306

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِلنَّاسِ وَرَحْمَةً مِنَّا ۚ وَكَانَ أَمْرًا مَقْضِيًّا21

އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.
19:22ޖުޒު 16 · ޞ. 306

۞ فَحَمَلَتْهُ فَانْتَبَذَتْ بِهِ مَكَانًا قَصِيًّا22

ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ.
19:23ޖުޒު 16 · ޞ. 306

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنْتُ نَسْيًا مَنْسِيًّا23

ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!
19:24ޖުޒު 16 · ޞ. 306

فَنَادَاهَا مِنْ تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا24

ދެން އެކަމަނާ (އޮންނެވިތާނ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ.
19:25ޖުޒު 16 · ޞ. 306

وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا25

އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.
19:26ޖުޒު 16 · ޞ. 307

فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنْسِيًّا26

ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.
19:27ޖުޒު 16 · ޞ. 307

فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا27

ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ.
19:28ޖުޒު 16 · ޞ. 307

يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا28

އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.
19:29ޖުޒު 16 · ޞ. 307

فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَنْ كَانَ فِي الْمَهْدِ صَبِيًّا29

ފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟
19:30ޖުޒު 16 · ޞ. 307

قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا30

އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ.
19:31ޖުޒު 16 · ޞ. 307

وَجَعَلَنِي مُبَارَكًا أَيْنَ مَا كُنْتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا31

އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ.
19:32ޖުޒު 16 · ޞ. 307

وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا32

އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّـار އަކު ކަމުގައި ނުލައްވަތެވެ.
19:33ޖުޒު 16 · ޞ. 307

وَالسَّلَامُ عَلَيَّ يَوْمَ وُلِدْتُ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا33

މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ.
19:34ޖުޒު 16 · ޞ. 307

ذَٰلِكَ عِيسَى ابْنُ مَرْيَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ34

އެއީ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ. (މިއީ) އެއުރެން އެބަސްފުޅާމެދު شك ކުރާ، حق ތެދުބަސްފުޅެވެ.
19:35ޖުޒު 16 · ޞ. 307

مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ35

ދަރިކަލަކު ހިއްޕެވުން އެއީ، اللَّه އަށް އެކަށީގެންވާ ކަމެއްނޫނެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިހިނދު، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެތެވެ.
19:36ޖުޒު 16 · ޞ. 307

وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ36

ހަމަކަށަވަރުން، اللَّه އީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
19:37ޖުޒު 16 · ޞ. 307

فَاخْتَلَفَ الْأَحْزَابُ مِنْ بَيْنِهِمْ ۖ فَوَيْلٌ لِلَّذِينَ كَفَرُوا مِنْ مَشْهَدِ يَوْمٍ عَظِيمٍ37

ފަހެ، އެއުރެންގެ އެކި جماعة ތަކުގެ މެދުގައި خلاف އުފެދުނެވެ. ފަހެ، ބޮޑުވެގެންވާ ދުވަހެއްގެ (ބިރުވެރިކަން) ދެކޭހިނދު، كافر ވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ.
19:38ޖުޒު 16 · ޞ. 307

أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَٰكِنِ الظَّالِمُونَ الْيَوْمَ فِي ضَلَالٍ مُبِينٍ38

އެއުރެން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު، އެއުރެންގެ އިވުމާއި ފެނުމުގެ ސާފުކަން ބޮޑުކަމާއެވެ! އެހެނެއްކަމަކު، އަނިޔާވެރިވީ މީހުން މިއަދުވަނީ، ފާޅުވެ بيان ވެގެންވާ މަގުފުރެދުމެއްގައެވެ.
19:39ޖުޒު 16 · ޞ. 308

وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ39

ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ غافل ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން إيمان އެއް ނުމެވޭމެއެވެ.
19:40ޖުޒު 16 · ޞ. 308

إِنَّا نَحْنُ نَرِثُ الْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ40

ހަމަކަށަވަރުން، ބިމާއި، ބިމުގައިވާހާ ބަޔަކު ވާރުތަވެ ملك ވެގެންވަނީ، ތިމަންރަސްކަލާނގެއަށެވެ. އަދި އެއުރެން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ.
19:41ޖުޒު 16 · ޞ. 308

وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا41

ކަލޭގެފާނު މިފޮތުން إبراهيم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.
19:42ޖުޒު 16 · ޞ. 308

إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنْكَ شَيْئًا42

އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟
19:43ޖުޒު 16 · ޞ. 308

يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا43

އޭ ބައްޕާއެވެ! علم ގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ علم، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައިވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ تبع ވާށެވެ! އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ.
19:44ޖުޒު 16 · ޞ. 308

يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا44

އޭ ބައްޕާއެވެ! شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި شيطان އާ ވިއެވެ.
19:45ޖުޒު 16 · ޞ. 308

يَا أَبَتِ إِنِّي أَخَافُ أَنْ يَمَسَّكَ عَذَابٌ مِنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا45

އޭ ބައްޕާއެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެ حضرة ން عذاب އެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، شيطان އާގެ އެހީތެރިޔެއް ކަމުގައެވެ.
19:46ޖުޒު 16 · ޞ. 308

قَالَ أَرَاغِبٌ أَنْتَ عَنْ آلِهَتِي يَا إِبْرَاهِيمُ ۖ لَئِنْ لَمْ تَنْتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا46

އޭނާ ބުންޏެވެ. އޭ إبراهيم އެވެ! ތިމަންގެ إله ންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ!
19:47ޖުޒު 16 · ޞ. 308

قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا47

އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަގެ މައްޗަށް سلام ހުށްޓެވެ! ބައްޕައަށް ފާފަފުއްސެވުން އެދި، އަޅުގެ ވެރިރަސްކަލާނގެއަށް دعاء ކުރާހުށީމެވެ. ހަމަކަށަވަރުން، އަޅުގެމައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.
19:48ޖުޒު 16 · ޞ. 308

وَأَعْتَزِلُكُمْ وَمَا تَدْعُونَ مِنْ دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا48

އަދި ތިޔަބައިމީހުންނާއި اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާހުށީމެވެ. އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ.
19:49ޖުޒު 16 · ޞ. 308

فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِنْ دُونِ اللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا49

ފަހެ، އެކަލޭގެފާނު، އެއުރެންނާއި، اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް، إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ.
19:50ޖުޒު 16 · ޞ. 308

وَوَهَبْنَا لَهُمْ مِنْ رَحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا50

އަދި އެބޭކަލުންނަށް، ތިމަންރަސްކަލާނގެ رحمة ގެތެރެއިން ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެބޭކަލުންނަށް (އަންނަނިވި جيل ތަކުގެ ދޫމަތީގައި) މަތިވެރިވެގެންވާ ރިވެތި ނަން ލެއްވީމެވެ.
19:51ޖުޒު 16 · ޞ. 308

وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا51

ކަލޭގެފާނު މިފޮތުން موسى ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيار ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.
19:52ޖުޒު 16 · ޞ. 309

وَنَادَيْنَاهُ مِنْ جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا52

އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް وحى ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.
19:53ޖުޒު 16 · ޞ. 309

وَوَهَبْنَا لَهُ مِنْ رَحْمَتِنَا أَخَاهُ هَارُونَ نَبِيًّا53

އަދި ތިމަންރަސްކަލާނގެ رحمة ވަންތަކަމުން، އެކަލޭގެފާނުގެ أخ، هارون ގެފާނު ނަބިއްޔަކު ކަމުގައި، އެކަލޭގެފާނަށް ދެއްވީމެވެ.
19:54ޖުޒު 16 · ޞ. 309

وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَبِيًّا54

ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.
19:55ޖުޒު 16 · ޞ. 309

وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِنْدَ رَبِّهِ مَرْضِيًّا55

އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ.
19:56ޖުޒު 16 · ޞ. 309

وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا56

ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.
19:57ޖުޒު 16 · ޞ. 309

وَرَفَعْنَاهُ مَكَانًا عَلِيًّا57

އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ.
19:58ޖުޒު 16 · ޞ. 309

أُولَٰئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ مِنْ ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِنْ ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا ۚ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ الرَّحْمَٰنِ خَرُّوا سُجَّدًا وَبُكِيًّا ۩58

އެބޭކަލުންނަކީ، آدم ގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެބޭކަލުންގެ މައްޗަށް اللَّه نعمة ދެއްވި ބޭކަލުންނެވެ. އަދި ތިމަންރަސްކަލާނގެ، نوح ގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި إبراهيم ގެފާނާއި إسـرآءيـل ގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި، خيار ކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެބޭކަލުންގެ މައްޗަށް رحمن ވަންތަ ރަސްކަލާނގެ آية ތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން سجدة އަށް ތިރިވެވަޑައިގަންނަވަތެވެ.
19:59ޖުޒު 16 · ޞ. 309

۞ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا59

ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!
19:60ޖުޒު 16 · ޞ. 309

إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا60

توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
19:61ޖުޒު 16 · ޞ. 309

جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا61

(އެއީ) رحمن ވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް غيب ގައި ދެއްވުމަށް وعد ކުރައްވާފައިވާ، عدن އޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ وعد ފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ.
19:62ޖުޒު 16 · ޞ. 309

لَا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَامًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا62

އެތާނގައި ބޭކާރު ވާހަކައެއް އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު، (އިވޭނީ) سلام އާއި، تحيّة ގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެއުރެންގެ رزق، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ.
19:63ޖުޒު 16 · ޞ. 309

تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا63

އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ.
19:64ޖުޒު 16 · ޞ. 309

وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا64

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.
19:65ޖުޒު 16 · ޞ. 310

رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا65

(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟
19:66ޖުޒު 16 · ޞ. 310

وَيَقُولُ الْإِنْسَانُ أَإِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا66

އިންސާނާ ބުނެތެވެ. ތިމަން މަރުވެދިއުމަށްފަހުގައިވެސް، އަލުން ދިރުމަކަށް ނެރުއްވާނޭހެއްޔެވެ؟
19:67ޖުޒު 16 · ޞ. 310

أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا67

އެ އިންސާނާ މީގެކުރިން موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟
19:68ޖުޒު 16 · ޞ. 310

فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا68

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، شيطان ންނާ އެކުގައި އެއުރެން محشر އަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ حال، ނަރަކައިގެ ވަށައިގެން އެއުރެން ގެންނަވާހުށީމެވެ.
19:69ޖުޒު 16 · ޞ. 310

ثُمَّ لَنَنْزِعَنَّ مِنْ كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا69

ދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ رحمن ވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ.
19:70ޖުޒު 16 · ޞ. 310

ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا70

ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން أولى ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ.
19:71ޖުޒު 16 · ޞ. 310

وَإِنْ مِنْكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَقْضِيًّا71

އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ.
19:72ޖުޒު 16 · ޞ. 310

ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا72

ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ حال، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ.
19:73ޖުޒު 16 · ޞ. 310

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَقَامًا وَأَحْسَنُ نَدِيًّا73

އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. (ތިމަންމެން) ދެބައިމީހުންކުރެ ދަރަޖައިގެގޮތުން އެންމެމޮޅީ، އަދި މަޖްލިސްގެ ގޮތުން އެންމެރަނގަޅީ، ކޮންބަޔެއްހެއްޔެވެ؟
19:74ޖުޒު 16 · ޞ. 310

وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَحْسَنُ أَثَاثًا وَرِئْيًا74

އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން ކިތައް ކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ މުދާވެރިކަމުގެ ގޮތުންނާއި، ފެންނަ ފެނުމަށް އެއުރެން މާރަނގަޅެވެ.
19:75ޖުޒު 16 · ޞ. 310

قُلْ مَنْ كَانَ فِي الضَّلَالَةِ فَلْيَمْدُدْ لَهُ الرَّحْمَٰنُ مَدًّا ۚ حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ إِمَّا الْعَذَابَ وَإِمَّا السَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَكَانًا وَأَضْعَفُ جُنْدًا75

ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް رحمن ވަންތަ ރަސްކަލާނގެ عمر ދިގުކުރައްވައި، مهلة ދެއްވާނެތެވެ. އެއުރެންނަށް وعد ކުރައްވާ ކަންތައް، އެއުރެން ދެކެފުމަށްދާނދެނެވެ. އެހެންޏާ (ދުނިޔޭގެ) عذاب އެވެ. އެހެންޏާ قيامة ދުވަހުގެ ހަލާކެވެ. ފަހެ، ދަރަޖައިގެ ގޮތުން އެންމެނުބައީ، އަދި لشكر ގެގޮތުން އެންމެ ނިކަމެތީ، ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
19:76ޖުޒު 16 · ޞ. 310

وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى ۗ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ مَرَدًّا76

ތެދުމަގު ލިބިގެންފި މީހުންނަށް اللَّه ތެދުމަގު ދެއްކެވުން އިތުރުކުރައްވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ثواب ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި صالح عمل ތަކެވެ.
19:77ޖުޒު 16 · ޞ. 311

أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا77

ތިމަންރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމުތޯއެވެ؟
19:78ޖުޒު 16 · ޞ. 311

أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِنْدَ الرَّحْمَٰنِ عَهْدًا78

އޭނާއަށް غيب އެނގުނީހެއްޔެވެ؟ ނުވަތަ رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފީހެއްޔެވެ؟
19:79ޖުޒު 16 · ޞ. 311

كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ الْعَذَابِ مَدًّا79

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާއެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާއަށް عذاب އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ.
19:80ޖުޒު 16 · ޞ. 311

وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا80

އަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވައި) އެހުރިހާ އެއްޗެއް، ތިމަންރަސްކަލާނގެ މިލްކުކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އޭނާ އަންނަހުށީ، އެކަނިމާ އެކަންޏެވެ.
19:81ޖުޒު 16 · ޞ. 311

وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لِيَكُونُوا لَهُمْ عِزًّا81

އެއުރެން اللَّه ފިޔަވައި އެހެން إله ންތަކެއް ހިފީ އެއުރެންނަށް عزّة އެއްކަމުގައި ވާނޭކަމަށެވެ.
19:82ޖުޒު 16 · ޞ. 311

كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا82

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ إله ންތަކަށް އެއުރެން އަޅުކަންކުރުމަށް إنكار ކުރާނެތެވެ. އަދި އެ إله ންތައް އެއުރެންގެ މައްޗަށް عداوة ތެރިންކަމުގައި ވާނެތެވެ.
19:83ޖުޒު 16 · ޞ. 311

أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا83

كافر ވި މީހުންގެމައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ شيطان ން ފާކުރެއްވިކަން، ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ އެ شيطان ން އެއުރެންނަށް ވަސްވާސްދީ ހެއްލުންތެރިކުރެތެވެ.
19:84ޖުޒު 16 · ޞ. 311

فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا84

ފަހެ، ކަލޭގެފާނު އެއުރެންގެ މައްޗަށް އަވަސްވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި (أجل ގެ ދުވަސްތައް) ގުނައި عدد ކުރައްވަމެވެ.
19:85ޖުޒު 16 · ޞ. 311

يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَٰنِ وَفْدًا85

تقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!)
19:86ޖުޒު 16 · ޞ. 311

وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا86

އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ.
19:87ޖުޒު 16 · ޞ. 311

لَا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِنْدَ الرَّحْمَٰنِ عَهْدًا87

رحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ.
19:88ޖުޒު 16 · ޞ. 311

وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا88

رحمن ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ كافر ވި މީހުން ބުނޫއެވެ.
19:89ޖުޒު 16 · ޞ. 311

لَقَدْ جِئْتُمْ شَيْئًا إِدًّا89

ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ.
19:90ޖުޒު 16 · ޞ. 311

تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا90

އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ.
19:91ޖުޒު 16 · ޞ. 311

أَنْ دَعَوْا لِلرَّحْمَٰنِ وَلَدًا91

އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.
19:92ޖުޒު 16 · ޞ. 311

وَمَا يَنْبَغِي لِلرَّحْمَٰنِ أَنْ يَتَّخِذَ وَلَدًا92

ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ.
19:93ޖުޒު 16 · ޞ. 311

إِنْ كُلُّ مَنْ فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا93

رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ.
19:94ޖުޒު 16 · ޞ. 311

لَقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا94

ހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ عدد ކުރެއްވުމަކުން عدد ކުރެއްވިއެވެ.
19:95ޖުޒު 16 · ޞ. 311

وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا95

އަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ.
19:96ޖުޒު 16 · ޞ. 312

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَٰنُ وُدًّا96

ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) رحمن ވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.
19:97ޖުޒު 16 · ޞ. 312

فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِينَ وَتُنْذِرَ بِهِ قَوْمًا لُدًّا97

ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ قرآن ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން تقوى ވެރިންނަށް އުފާވެރިކަމުގެ خبر ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން إنذار ކުރެއްވުމަށްޓަކައެވެ.
19:98ޖުޒު 16 · ޞ. 312

وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هَلْ تُحِسُّ مِنْهُمْ مِنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًا98

އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ކުރިން ކިތައްކިތައް أمّة ހަލާކު ކުރެއްވިންހެއްޔެވެ؟ އެއުރެންކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެއުރެންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟

ސޫރަތުގެ ފެށުމުން ޕްލޭކުރޭ

Yasser Salama - Maryam · Tlawati