Al-Mulk

سورة الملك

ސޫރަތް 67 · މައްކީ · 30 އާޔަތް

67:1 · Al-Mulkޖުޒު 29 · ޞ. 562

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ1

އެކަލާނގެ يدقدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
67:2ޖުޒު 29 · ޞ. 562

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ2

އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
67:3ޖުޒު 29 · ޞ. 562

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِنْ تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِنْ فُطُورٍ3

އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ خلل އެއް ތިބާޔަށް ފެނޭހެއްޔެވެ؟
67:4ޖުޒު 29 · ޞ. 562

ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ4

ދެންވެސް تكرار ކޮށް ދެފަހަރަށް نظر ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ حال ގައި (ތިބާގެ) نظر އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ.
67:5ޖުޒު 29 · ޞ. 562

وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ5

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު زينة ތެރިކުރެއްވީމެވެ. އަދި شيطان ންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ شيطان ންނަށް ނަރަކައިގެ عذاب ތައްޔާރުކުރެއްވީމެވެ.
67:6ޖުޒު 29 · ޞ. 562

وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ6

އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
67:7ޖުޒު 29 · ޞ. 562

إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ7

އެ ނަރަކައިގެ ތެރެޔަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ حال ގައި، އެތެރެޔަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ.
67:8ޖުޒު 29 · ޞ. 562

تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ8

އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (كافر ންގެ) فوج އެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟
67:9ޖުޒު 29 · ޞ. 562

قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ9

އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. اللَّه، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.
67:10ޖުޒު 29 · ޞ. 562

وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ10

އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި فكر ކުރާކަމުގައިވީނަމަ، ނަރަކައިގެ أهل ވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ.
67:11ޖުޒު 29 · ޞ. 562

فَاعْتَرَفُوا بِذَنْبِهِمْ فَسُحْقًا لِأَصْحَابِ السَّعِيرِ11

ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް اعتراف ވާނެތެވެ. ފަހެ، ނަރަކައިގެ أهل ވެރިންނަށް رحمة ން ދުރުކުރެއްވުން ހުށްޓެވެ.
67:12ޖުޒު 29 · ޞ. 562

إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ12

ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ.
67:13ޖުޒު 29 · ޞ. 563

وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ13

ތިޔަބައިމީހުން ބުނާއެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
67:14ޖުޒު 29 · ޞ. 563

أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ14

(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
67:15ޖުޒު 29 · ޞ. 563

هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ ۖ وَإِلَيْهِ النُّشُورُ15

އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ.
67:16ޖުޒު 29 · ޞ. 563

أَأَمِنْتُمْ مَنْ فِي السَّمَاءِ أَنْ يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ16

އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ.
67:17ޖުޒު 29 · ޞ. 563

أَمْ أَمِنْتُمْ مَنْ فِي السَّمَاءِ أَنْ يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ17

ނުވަތަ އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ إنذار ކުރެއްވުންވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
67:18ޖުޒު 29 · ޞ. 563

وَلَقَدْ كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَكَيْفَ كَانَ نَكِيرِ18

ހަމަކަށަވަރުން، އެއުރެންގެކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
67:19ޖުޒު 29 · ޞ. 563

أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ19

ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
67:20ޖުޒު 29 · ޞ. 563

أَمَّنْ هَٰذَا الَّذِي هُوَ جُنْدٌ لَكُمْ يَنْصُرُكُمْ مِنْ دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ20

ނުވަތަ رحمن ވަންތަ ރަސްކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ لشكر އެއް ކަމުގައިވަނީ ކޮންބަޔެއްހެއްޔެވެ؟ ހެއްލުމެއްގެތެރޭގައި މެނުވީ كافر ންނުވެއެވެ.
67:21ޖުޒު 29 · ޞ. 563

أَمَّنْ هَٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَلْ لَجُّوا فِي عُتُوٍّ وَنُفُورٍ21

ނުވަތަ އެކަލާނގެ رزق ދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް رزق ދޭނޭ މީހަކީ އެއީކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ كبر ވެރިކަމާއި حق ން އެއްކިބާވުމެއްގައެވެ.
67:22ޖުޒު 29 · ޞ. 563

أَفَمَنْ يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّنْ يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُسْتَقِيمٍ22

ފަހެ، ތެދުމަގު ލިބުންބޮޑީ، މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާހެއްޔެވެ؟ ނުވަތަ ސީދާވެގެންވާ ތެދުމަގެއްގައި، ތެދަށް ހިނގައިދާ މީހާ ހެއްޔެވެ؟
67:23ޖުޒު 29 · ޞ. 563

قُلْ هُوَ الَّذِي أَنْشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَا تَشْكُرُونَ23

ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ.
67:24ޖުޒު 29 · ޞ. 563

قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ24

ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ ތިޔަބައިމީހުން ބިމުގައި އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
67:25ޖުޒު 29 · ޞ. 563

وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ25

އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކުކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
67:26ޖުޒު 29 · ޞ. 563

قُلْ إِنَّمَا الْعِلْمُ عِنْدَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُبِينٌ26

ކަލޭގެފާނު ވިދާޅުވާށެވެ! (އެކަން) ދެނެވޮޑިގަތުން ވާކަންކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.
67:27ޖުޒު 29 · ޞ. 564

فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنْتُمْ بِهِ تَدَّعُونَ27

ފަހެ، އެއުރެންނަށް އެ وعد، ކައިރިން ފެނިއްޖެހިނދު، كافر ވިމީހުންގެ މޫނުތަކަށް ހިތާމަވެރިކަން ލިބިގެންދާނެތެވެ. އަދި އަންގަވާނެތެވެ. މިއީ ތިޔަބައިމީހުން އެދިގޮވާކަމުގައިވި ކަންތަކެވެ.
67:28ޖުޒު 29 · ޞ. 564

قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَنْ مَعِيَ أَوْ رَحِمَنَا فَمَنْ يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ28

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! اللَّه ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުކުރެއްވި ނަމަވެސް، ނުވަތަ ތިމަންމެންނަށް رحمة ލެއްވިނަމަވެސް، ފަހެ، ވޭންދެނިވި عذاب ން، كافر ން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟
67:29ޖުޒު 29 · ޞ. 564

قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُبِينٍ29

ކަލޭގެފާނު ވިދާޅުވާށެވެ! އެއީ رحمن ވަންތަ ރަސްކަލާނގެއެވެ. ތިމަންމެން އެކަލާނގެއަށް إيمان ވެއްޖައީމުއެވެ. އަދި ހަމައެކަނި އެކަލާނގެއަށް ތިމަންމެން وكيل ކޮށްފީމުއެވެ. ފަހެ، ބަޔާންވެގެންވާ ފުރެދުމެއްގައިވަނީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
67:30ޖުޒު 29 · ޞ. 564

قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَنْ يَأْتِيكُمْ بِمَاءٍ مَعِينٍ30

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟

ސޫރަތުގެ ފެށުމުން ޕްލޭކުރޭ

Muhammad Jibreel - Al-Mulk · Tlawati