Nuh

سورة نوح

ސޫރަތް 71 · މައްކީ · 28 އާޔަތް

71:1ޖުޒު 29 · ޞ. 570

إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنْذِرْ قَوْمَكَ مِنْ قَبْلِ أَنْ يَأْتِيَهُمْ عَذَابٌ أَلِيمٌ1

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوح ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قوم ގެމީހުންނަށް إنذار ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ.
71:2ޖުޒު 29 · ޞ. 570

قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُبِينٌ2

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ.
71:3ޖުޒު 29 · ޞ. 570

أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ3

(ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!
71:4ޖުޒު 29 · ޞ. 570

يَغْفِرْ لَكُمْ مِنْ ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُسَمًّى ۚ إِنَّ أَجَلَ اللَّهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنْتُمْ تَعْلَمُونَ4

(އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.
71:5ޖުޒު 29 · ޞ. 570

قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا5

އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ.
71:6ޖުޒު 29 · ޞ. 570

فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا6

ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.)
71:7ޖުޒު 29 · ޞ. 570

وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا7

އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ.
71:8ޖުޒު 29 · ޞ. 570

ثُمَّ إِنِّي دَعَوْتُهُمْ جِهَارًا8

ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ.
71:9ޖުޒު 29 · ޞ. 570

ثُمَّ إِنِّي أَعْلَنْتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا9

ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ.
71:10ޖުޒު 29 · ޞ. 570

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا10

ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ.
71:11ޖުޒު 29 · ޞ. 571

يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا11

(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.
71:12ޖުޒު 29 · ޞ. 571

وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا12

އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.
71:13ޖުޒު 29 · ޞ. 571

مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا13

ތިޔަބައިމީހުން اللَّه ގެ عظمة ތެރިކަމަށް اعتقاد ނުކުރަނީ ކީއްވެގެންހެއްޔެވެ؟
71:14ޖުޒު 29 · ޞ. 571

وَقَدْ خَلَقَكُمْ أَطْوَارًا14

ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلة ތަކަކުންނެވެ.
71:15ޖުޒު 29 · ޞ. 571

أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا15

މަތިމައްޗަށް اللَّه، ހަތް އުޑުހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟
71:16ޖުޒު 29 · ޞ. 571

وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا16

އަދި އެކަލާނގެ އެ އުޑުތަކުގައި ހަނދު نور އެއްކަމުގައި ލެއްވިއެވެ. އަދި އެކަލާނގެ އިރު، ވޮށެއްގެ ގޮތުގައި ލެއްވިއެވެ.
71:17ޖުޒު 29 · ޞ. 571

وَاللَّهُ أَنْبَتَكُمْ مِنَ الْأَرْضِ نَبَاتًا17

އަދި اللَّه، ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ.
71:18ޖުޒު 29 · ޞ. 571

ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا18

ދެން އެކަލާނގެ ތިޔަބައިމީހުން އެ ބިމަށް إعادة ކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ.
71:19ޖުޒު 29 · ޞ. 571

وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا19

އަދި اللَّه، ތިޔަބައިމީހުންނަށްޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑުލެއްވިއެވެ.
71:20ޖުޒު 29 · ޞ. 571

لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا20

(އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައިގަތުމަށްޓަކައެވެ.
71:21ޖުޒު 29 · ޞ. 571

قَالَ نُوحٌ رَبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَنْ لَمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا21

نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެއުރެން މިއަޅާޔަށް އުރެދިއްޖައޫއެވެ. އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެއުރެން تبع ވެއްޖައޫއެވެ.
71:22ޖުޒު 29 · ޞ. 571

وَمَكَرُوا مَكْرًا كُبَّارًا22

އަދި އެއުރެން ބޮޑުވެގެންވާ މަކަރުވެރި ރޭވުމެއް ރޭވޫއެވެ.
71:23ޖުޒު 29 · ޞ. 571

وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا23

އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!
71:24ޖުޒު 29 · ޞ. 571

وَقَدْ أَضَلُّوا كَثِيرًا ۖ وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا24

އަދި ހަމަކަށަވަރުން، އެއުރެން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެދުން ނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!
71:25ޖުޒު 29 · ޞ. 571

مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُمْ مِنْ دُونِ اللَّهِ أَنْصَارًا25

އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން غرق ކުރެއްވިއެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވިއެވެ. ފަހެ، اللَّه ފިޔަވައި نصر ދޭނޭ ބަޔަކު އެއުރެންނަކަށް ނުފެނުނޫއެވެ.
71:26ޖުޒު 29 · ޞ. 571

وَقَالَ نُوحٌ رَبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا26

އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!
71:27ޖުޒު 29 · ޞ. 571

إِنَّكَ إِنْ تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا27

ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ.
71:28ޖުޒު 29 · ޞ. 571

رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا28

އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!

ސޫރަތުގެ ފެށުމުން ޕްލޭކުރޭ

Abdullah Al-Mattrod - Nuh · Tlawati